މެންދަން މިޔަރަކީ ކަނޑުގެ 90 މީޓަރާއި 430 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ ކަމަށް ރެކޯޑް ކުރެވިފައިވާ މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރަށް އިނގިރޭސިން ކިޔައި އުޅެނީ "ބިގްނޯސް ޝާކް" އެވެ.

ދުނިޔޭގެ އެހެން ހިސާބުތަކާ ހިލާފަށް ރާއްޖޭގައި މެންދަން މިޔަރު ބޭނިފައި ހުންނަނީ ކަނޑުގެ މަތީބައިގައި ލޭނުއަޅައިގެން ކަމަށް ވަނީ ބެލެވިފައެވެ. އެންމެ ހާއްސަ ކަމަކީ މެންދަން މިޔަރު ރޭގަނޑު ބޭނޭ ކަމެވެ. ވުމާއެކު މިއީ ދުވާލު ގަޑީގައި އުޅުމަށްފަހު ރޭގަނޑު ޝިކާރަކުރަން ތިލަވެއުޅޭ މިޔަރެއްކަމުގައި ވުމީ އެކަށީގެންވާކަމެކެވެ.

މި މިޔަރަށް ދިވެހި މަސްވެރިން ދީފައިވާ "މެންދަން މިޔަރު" މިނަމަކީވެސް މެންދަމުގެ ވަގުތުގައި ބޭނޭ، ނުވަތަ ހަމައެކަނި ރޭގަނޑު ބޭނޭ ބާވަތަކަށްވާތީ ދީފައިވާ ނަމެއް ކަމަށް ފެނެއެވެ. ރާއްޖޭގައި މެންދަން މިޔަރު އަލިހުރަސް ކަނޑުން ގިނައިން ބާނާކަމަށް ވެއެވެ. މެންދަން މިޔަރުގެ ކާނާއަކީ އެހެނިހެން މިޔަޔަރާއި މަޑި އާއި މަހާއި ބޯވައެވެ.

މެންދަން މިޔަރަކީ ބިޔަ ހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. މެންދަން މިޔަރުގެ މަތީބައިގެ ކުލައަކީ އަޅި ކުލައެވެ. ބަނޑުދަށް ހުންނަނީ ކުލަ ފަޑުކޮށެވެ. މިބާވަތުގެ މިޔަރު 3 މީޓަރަށް (ގާތްގަނޑަށް 10 ފޫޓް) ދިގުވާ ކަމަށްވެއެވެ. މެންދަން މިޔަރު ވިހާ ކޮންމެ ފަހަރަކު 15-3 ދެމެދުގެ އަދަދަކަށް މިޔަރު ވިހައެވެ.

މައުލޫމާތު: މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ، ފިޝަސް އޮފް ދި މޯލްޑިވްސް