އއ.ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންމްޕެނީ (އެމްޓީސީސީ) އިން މިއަދު މޮބިލައިޒްކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، 43,200 ކިއުބިކް މީޓަރުގސަރަޙައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ. އެކުންފުނިން ބުނާގޮތުގައި މި މަޝްރޫޢަކީ 24.54 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ހިމެންދޫއަކީ ރަށް ގިރުމުގެމައްސަަލަަ ވަރަށްބޮޑުވެފައިވާ ރަށެކަށްވާތީ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޖުލައިމަހު އެމްޓީސީސީއާ ހަވާލު ކޮށްފައިވެއެވެ. 870 މީހުންގެ އާބާދިއެއް އޮންނަ ހިމެންދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ޢާންމުގޮތެއްގައި ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމެވެ. ނަމަވެސް ހަލުވި ދުވެއްޔެއްގައި ގެސްޓް ހައުސްގެ ވިޔަފާރިވެސް އަންނަނީ ކުރިއަރަމުންނެވެ،