ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ރާއްޖެ އާއި އިންޑިޔާއާ ދެމެދު ބާއްވަމުން އަންނަ ހައިލެވެލް ކޯ ގްރޫޕުގެ ހަތަރު ވަނަ ބައްދަލުވުމެއް އިއްޔެ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވައިފިއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވީ ހުކުރު ދުވަހުގެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބައްލަވާލައްވައި، ތަރައްޤީއާއި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވިކަމަށެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ވިދާޅުވީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން އެންމެ ފަހު ޕްލެޓްފޯމްގައި ތިބި ސިފައިން ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށާއި ލޮޖިސްޓިކް ހުރިހާ އިންތިޒާމެއް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާތީ ދެ ފަރާތުން ވެސް ހިތްހަމަޖެހޭ ކަމަށެވެ.
އަދި ހައިލެވެލް ކޯރ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ޖޫން ނުވަތަ ޖުލައި މަހު ދެ ގައުމުން އެއްބަސްވާ ތާރީޚެއްގައި މާލޭގައި ބޭއްވުމަށް ވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
ހައިލެވެލް ކޯ ގްރޫޕް އުފެއްދީ ކޮޕް 28 ގެ ހަވާސާގައި ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުމަށް ފަހުއެވެ.