އައްޑޫ ސިޓީގައި ހުންނަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް" ގައި ކުރިއަށް ދާ 36 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއަރނަސް ސެޝަންތަކެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ކޮލެޖުގައި އިއްޔެއިން ފެށިގެން ފަސް ދުވަހަށް ކުރިއަށްގެންދާ މި ސެޝަންތަކުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މައުލޫމާތުތައް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި މި ސެޝަންގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވެސް ދަރިވަރުންނަށް އުނގަންނައިދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

އެ ކޯހުގެ 36 ދަރިވަރުން ބައިވެރިވާ މި ސެޝަންތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.