ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯރޓު ރީޑެވެލޮޕްމަންޓް ގެ ތެރޭ ހިމެނޭ އައު ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް ރީޖަނަލް އެއާޕޯރޓްސް ކޮންޕެނީ ލިމިޓެޑް ގެ މޭނޭޖިން ޑިރެކްޓަރ އަހުމަދު މުބީންް ވިދާޅުވެއްޖެއެވެ.

ޑިރެކްޓަރ މުބީންް ވިދާޅުވިގޮތުގައި އެއާޕޯޓުގެ 2،465 މީޓަރުގެ ރަންވޭ ހެދުމުގެ މަސައްކަތް ގެންދިޔައީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި 1،400 މީޓަރުގެ ބައެއް ނިންމާ ބޭނުންކުރަން ފެށުން ހިމެނެއެވެ. މިބައި ބޭނުން ކުރަން ފެށީ މިއަހަރު ޖެނުއަރީ މަހު 30 ވަނަ ދުވަހުއެވެ،

2 ވަނަ ފިޔަވަހީގައި ހިމެނިގެންދިޔައީ 1،400 މީޓަރިގެ ބައި ހުޅުވާ ބޭނުންކުރަމުން އައި އިރު ރަންވޭގެ 865 މީޓަރުގެ ބައެއްގައި ޓޮޕް ލޭޔާ ފިޔަވާ ހުރިހާ ބައިތަކެއް ނިންމުމެވެ. ފަހު ފިޔަވަހީގައި ހިމެނިގެންދިޔައީ ދެ ފެޒް ދޭތެރޭގައި އިން 300 މީޓަރުގެ ބައެއް އެއްކޮށް ނިންމާލާ ދެބައި ރީތިކުރުމުގެ މަސައްކަތެވެ. އަދި މިބައި މިހާރު ވަނީ ހުޅުވާލާފައެވެ. 1،400 މިޓަރުގެ ބައި މިހާރުވެސް ބޭނުން ކުރަމުން އަންނައިރު ބާކީބައި އަދި އޮތީ ބޭނުން ނުކޮށް ކަމަށް އެމްޑީ މުބީންް ވިދާޅުވިއެވެ.

މުބީން ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރީޑެވެލޮޕްމަންޓް މަސައްކަތް ކުރިއަށް ގެންދެވުމުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ ފަރާތްތަކެއް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.