އދ. މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ %80 މަސައްކަތް މިހާރު ވަނީ ނިމިފަކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެއެވެ.

އާރްޑީސީއަން ބުނާގޮތުގައި މި މަޝްރޫޢުގެ މިވަގުތު ޖުމްލަ 6 މަގެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޖުމްލަ 4.8 ކިލޯ މީޓަރުގެ ދިގުމިނެވެ. މިހާތަނަށް 6 މަގެއްގައި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅިއެޅުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިންމާލެވިފައެވެ. އަދި 5 މަގެއްގައި ސެޓްލްމަންޓް ޓޭންކާއި ހޮޅި އެޅުމުގެ މަސައްކތް ނިންމާލެވިފައިވާއިރު، އެއް މަގެއްގައި އެ މަސައްކަތުގެ %80 ޕަސެންޓްވަނީ ނިންމާލެވިފައިކަމަށް އެ ކުންފުނިން ބުނެެއެވެ.

މީގެ އިތުރުން 3 މަގެއްގައި ކާރބް ސްޓޯންޖެހުމާއި 4 މަގެއްގައި ދުވާރުގެ މަސައްކަތްތަކުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތް ނިންމާލެވިފައިވާއިރު، އެއް މަގެއްގައި ތާރު ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި އިތުރު މަގެއްގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ %75 ވަނީ ނިންމާލެވިފައެވެ.

އާރްޑީސީއިން ބުނާގޮތުގައި، މިވަގުތު ކުރިއަށްދާ މަސައްކަތަކަކީ ގެވެހިމަގުގައި އޭބީސީ ފަށަލަ އެޅުމާއި ބީޗް ރޯޑްގައި ކާރބްސްޓޯން ޖެހުމާއި ކީވޯލް ޖެހުމުގެ މަސައްކަތުގެ އިތުރުން އަމީނީމަގުގައި ސަބް ބޭސްގެ މަސައްކަތް ކުރުމަށް ތައްޔާރުވުމެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95,043,314.41 ދިވެހި ރުފިޔާއެވެ.