އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމުމަކަށް އައިސްފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށެވެ. މި މަޝްރޫޢުގެ އަމާޒަކީ 100 ކިލޯމީޓަރަށްވުރެ ގިނަ މަގުހެދުމެވެ. މަގުތަށް ހެދުމުގެ އިތުރުން، މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމުތަކާއި، މަގުބައްތި ޖެހުމާއި، ސަވައިލަންސް ކެމެރާތައް ސީސީޓީވީ ނެޓްވޯކަކަށް އިންޓަގްރޭޓް ކުރުން ހިމެނެއެވެ. ކުރީ ސަރުކާރުން އެންމެ ފުރަތަމަ ރާވާފައި އޮތީ އައްޑޫގެ 60 ކިލޯމީޓަރުގެ މަގުތަކުގައި ސިމެންތި ބޭސް ލޭޔަރެއް އަޅައިގެން ހެދުމެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޚްތިޔާރު ކުރެއްވީ ތާރު އަޅާފައިވާ މަގުތަކާއި ފުޅާ ދާއިރާއެއްގައި މަގުތަށް ތަރައްގީ ކުރުމަށެވެ.

މިނިސްޓަރ ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިބްރާހީމް ނަޒީމް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލައްވާފައިވެއެވެ. މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ހިމެނޭ މަގުތަކުގެ 92.61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި މަޝްރޫއުގެ ދަށުން މަގު ހެދުމަށް ޖުމްލަ 277 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.