ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ދެއްވައިފިއެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޑރ. ޚަލީލް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ތެލެސީމިއާ ގެ ހުރިހާ ޕޭޝަންޓުންނަށް ވެސް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ތަކުރާރުކުރެއްވިއެވެ. އަދި މި ބަލިން މުޖުތަމައު ސަލާމަތް ކުރުމަށް މި ސަރުކާރުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 71،000 އޭކަރުގެ ސަރަޙައްދެއްގައި ތެލެސީމިއާ ހޮސްޕިޓަލެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ހެލްތް މިނިސްޓްރީން ވެސް ވަނީ ތެލެސީމިއާ ބަލީގެ ޝިކާރައަކަށްވެފައިވާ އެންމެންނަށް ހަމަހަމަކަމާއެކު ފަރުވާ ދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ތެލެސީމިއާ އަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހިމޮގްލޮބިން ނުހެދޭ ހާލަތްތަކުގައި ވާރުތަވާ، ލޭގެ ޖެނެޓިކް ޑިސްއޯޑާއެކެވެ. މޯލްޑިވްސް ބްލަޑް ސަރވިސިންގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ތެލެސީމިއާ ޕޭޝަންޓުންގެ ގޮތުގައި 914 މީހަކު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ބީޓާ ތެލެސީމިއާ މޭޖާ ޖެހިފައިވާ ކުޑަ ކުދިންނެވެ. އެގޮތުން މިބާވަތުގެ ތެލެސީމިއާ އަށް ރަޖިސްޓްރީވެ، ބަލި ޖެހިފައިވާ ކުދިންގެ ޖުމްލަ އަދަދަކީ 762 އެވެ.

ތެލެސީމިއާ ޕޭޝަންޓުންނާއި އެމީހުންގެ އާއިލާގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ މަސައްކަތެކެވެ. މި އަމާޒަށް ވާޞިލުވުމުގެ މަޤްޞަދުގައި ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާ އަށް ސްކްރީން ކުރުމުގެ ކެމްޕޭނެއް މުޅި ރާއްޖެއަށް ފަށާފައެވެ. ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް މަދުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ހޭލުންތެރިކުރުމުގެ ކެމްޕެއިންއެކެވެ.