މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ފަރާތުން ބޭއްވި ފުރަތަމަ "އެއަރޕޯޓް އިމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމް 2024" ގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިމާވާ ކުއްލި ނުރައްކާތަކުންނާއި އަދި އެއަރޕޯޓްގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރުމަށް ބޭއްވި މި ފޯރަމްގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދު އަދި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ހަސަން ޝާހިދު ކަމަށެވެ.

މީގެއިތުރުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދާއި، ޑިފެންސް އިންޓެލިޖެންސް ސަރވިސްއިން މޭޖަރ ހަސަން ސަމީހް، އެއަރޕޯޓްގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތާބެހޭ ގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ.

އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓުން އިންތިޒާމްކޮށްގެން މެއި 6 އަދި 7 ގައި ކްރޮސްރޯޑްސްގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ކަމާބެހޭ އެކި މުއައްސަސާތަކުން ބައިވެރިވެފައި ވެއެވެ.