ކުޅުދުއްފުށީ ސިޓީގެ މަގުތައް ޒަމާނީ ފެންނަވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީން) އިން ކުރިއަށް ގެންދާ މަޝްރޫޢުގެ %75 މަސައްކަތް މިހާރުވަނީ ނިމިފައެވެ.

އާރްޑީސީއިން ބުނަގޮތުގައި މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރަމުން އަންނަނީ 31 މަގެކެވެ. އެއީ ޖުމްލަ 7.25 ކިލޯ މީޓަރެވެ. މިހާތަނަށް އައިއިރު 31 މަގުގެ ތެރެއިން 4 މަގެއް ފިޔަވައި އެހެންމަގުތަކުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތްވަނީ ނިންމާލެވިފައެވެ. އަދި އަނެއް ހަތަރު މަގުގައިވެސް %90 ވަނީ ނިންމާލެވިފައެވެ. އަދި 18 މަގެއްގައި ކޭބަލް ޖަންކްޝަން ހޮޅީ އެޅުމުގެ މަސައްކަތް ނިންމާލެވިފައިވާއިރު، ބާކީ މަގުތަކުގައި އެމަސައްކަތުގެ %80 ވުރެ މަތިން ވަނީ ނިމިފާކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ މަގެއް ފިޔަވައި ހުރިހާ މަގެއްގެ ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓިފައިވާ އިރު ހުރިހާ މަގެއްގައި ސްޓޯރމް ވޯޓަރ ހޮޅިވަނީ އެޅިފައެވެ. 17 މަގެގައި ކާރބް ސްޓޯން ޖެހިފައިވާއިރު ބާކީ މަގުތަކުގެ އެވްރެޖްކޮށް %50 މަތިންވަނީ މަސައްކަތްތައް ނިންމާލެވިފައެވެ.

މީގެ އިތުރުން ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލައިގެ މަސައްކަތް 21 މަގެއްގައި ނިންމާލެވިފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން 6 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އިތުރު 6 މަގެއްގެ ތާރު އެޅުމުގެ މަސައްކަތް %90 އަށްވުރެ ބޮޑު ބައެއް ވަނީ ނިމިފައެވެ. ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކާއި އެހެނިހެން ބޮޑެތި މަސައްކަތްތަކުގައި ބޮޑުބައި ނިންމާލެވިފައިވާއިރު، ކުރިއަށް ދުވާރާއި ޕޭވިންގ މަސައްކަތަށްވެސް އަންނަނީ ކުރަމުން ކަމަށް އާރްޑީސީއިން ބުނެއެވެ.

ކުޅުދުއްފުށި ސިޓީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 10 ޖޫން 2021 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 100,700,048.55 ރުފިޔާއެވެ.