މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ޖޭވީ ވިޒްޑަމް ނެގޯއާ އެކު "މަގޭ ސޯލާ ޕްރޮޖެކްޓް" ގެ ދަށުން ބެހެއްޓުމަށް ހަމަޖެހިފައިވާ ފުރަތަމަ 3 މެގަވޮޓްގެ ސިސްޓަމްތައް ހޯދުމުގެ އަމާޒުމުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމާއި ވަންގް ޓާއޯ ސޮއިކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ސިސްޓަމްތައް ބެހެއްޓުމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީއާއެކު ސާފު ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދައުރު ނިމޭއިރު އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓުގެ މިންވަރު 33 އިންސައްތައަށް އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

މި އަމާޒަށް ވާޞިލުވުމުގެ މަޤްޞަދުގައި "މަގޭ ސޯލާ ޕްރޮޖެކްޓް" އިފްތިތާޙުކުރިއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ އިޢާދަކުރަނިވި ވަސީލަތްތަކުން ކަރަންޓު ފޯރުކޮށްދިނުމާއި، ގޭބިސީތަކުގެ ކަރަންޓް ބިލް ކުޑަކޮށް، އިޢާދަކުރަނިވި ވަސީލަތްތައް ބޭނުންކުރުމަށް ފަރުދުންނަށް ހިތްވަރުދީ، އެކަމުގެ ފައިދާ މުޅި މުޖުތަމަޢަށާއި މުޅި އިޤްތިޞާދަށް ކުރުމެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ބައެއް ރަށްރަށުގައި 10 މެގަވޮޓްގެ ސޯލާ ޕަވަރ ސިސްޓަމް ތައް ބެހެއްޓުމަށް ވަނީ ރާވާފައެވެ.

ސޮއިކުރި އެއްބަސްވުމުގައި ހިމެނެނީ 3 ކިލޯވޮޓްގެ 375 ސިސްޓަމާއި 5 ކިލޯވޮޓްގެ 375 ސިސްޓަމް ގަތުމެވެ. މި ސިސްޓަމްތައް ބެހެއްޓުމުން 750 ގޭބިސީއަކަށް ކަރަންޓުގެ ހިދުމަތް ކަށަވަރުވެގެންދާނެއެވެ. މިވަގުތު ޤައުމުގެ ތެރޭގައި ބަހައްޓާފައިވާ 65 ކިލޯވޮޓްގެ ސޯލާ ޕަވަރ ސިސްޓަމްތަކުން ކަރަންޓު އުފައްދަނީ ބޭނުންވާ ކަރަންޓުގެ 5 އިންސައްތައެވެ.