މިއަހަރު ކުރީކޮޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ވާހަކަ ދެއްކުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ އެކަން ތަކުރާރު ނުވާނެ ގޮތްތައް ބަލައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ،

މިނިސްޓަރް ޒަމީރު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) ނަމަކަށް ކިޔާ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، އެ ހާދިސާ ހިނގުމާއެކު ވެސް އެއީ ދިވެހި ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށާއި ނައިބު ވަޒީރުން ފާޅުކުރީ ސަރުކާރުގެ ބަސް ނޫންކަމަށެވެ.

މިނިސްޓަރ ޒަމީރު އިތުރަށް ވިދާޅުވީ ސޯޝަލް މީޑިއާގައި އިންޑިއާ އަދި ރާއްޖޭގެ އާންމުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް މި މައްސަލާގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި ފުރިހަމަ އެއްބަސްވުމެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

މި އަހަރު ޖެނުައަރީމަހު 7 ވަނަ ދުވަހު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މޯދީއަށް މަލާމަތް އެކްސްގައި ޕޯސްޓްކުރުމުން މަގާމުން ސަސްޕެންޑުކޮށްފައެވެ. އަދިވެސް އެ ބޭފުޅުން ތިއްބެވީ ސަސްޕެންޝަނުގައެވެ.

އެކަމާ ގުޅިގެން ޖެނުއަރީ 8 ގައި އިންޑިއާއިން ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ ސަފީރު އިބްރާހީމް ޝަހީބު އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފަވާއިރު ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ކުއްފަވެެއެވެ.