އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އެ ހެލިކޮޕްޓަރު އުފައްދާ ކުންފުނީގެ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ، އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ގެނައި އިންޑިއާގެ ސިވިލިއަނުން ރާއްޖޭގައި ތިބުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެފައި ތިބުމާއި އެއްފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް، ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ މިހާރު ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރާ އާންމުންނަކީ ހެލިކޮޕްޓަރު އުފައްދާ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) ގެ މުވައްޒަފުން ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގައި އިންޑިޔާގެ ބޮޑު އާބާދީއެއް، އެއްވެސް ޙާދިސާއަކާ ނުލައި ތަފާތު ފަންނުތަކުގައި ޙަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި، މިފަރާތްތައް ތިބުމަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމެއް ނޫންކަން ރައްޔިތުންނަށް ޔަޤީންކޮށްދެއްވިއެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެއްޖެ ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން އުފެދުނު ކަން ހަނދާން ކޮށްދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އޭގެ ރައްދުގައި ގައުމީ ސިޔާދަތާއި ސަލާމަތަށް އިސްކަން ދީގެން ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް އިންޑިއާ ސަރުކާރަށް އެދުނު ކަމަށެވެ.

އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެއް އޮޕަރޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ އަސްކަރިއްޔާ ނޫން މީހުން ހިމެނޭ ގޮތަށް އާންމުންގެ 26 މީހުންގެ ޓީމަކަށެވެ.