ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން، ބައިނަލްއަހުވާމީ މިންގަނޑަށް އެމްއެންޑީއެފުން ހިންގާ 12 ވަނަ ބޭސިކް ޑައިވިންގ ކޯސް މިއަދު ފަށައިފިއެވެ.

މިކޯސް ފެށުމުގެ ގޮތުން މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ގިޔާސްއެވެ.

އިނގިރޭސި މީޑިއަމަށް ހިންގާ މި ކޯހުގައި ޖުމްލަ 17 ދަރިވަރުން ބައިވެރިވިއިރު، އޭގެ ތެރޭގައި ބަންގްލަދޭޝް، މެލޭޝިއާ، ނޭޕާލް، ސްރީލަންކާ އަދި ތުރުކިއޭގެ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިން ހިމެނޭހެން ބޭރުގެ އަސްކަރިއްޔާތަކުގެ 9 ސިފައިން ބައިވެރިވެފައިވެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް ޕްރެޒިޑެންޝަލް ގާޑްސްގެ ސިފައިން މި ކޯހުގައި ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިގުރާރު ލައިދެއްވީ ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރުއެވެ. އަދި ދަރިވަރުންނަށް އިގުރާރު ލައިދެއްވީ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ކޯސް އޮފިސަރ، މޭޖަރ މުހައްމަދު ޝަފީއުއެވެ.

މޭ 12 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގެ ތާރީހާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިންގ އޮޕަރޭޝަންގައި ބޭނުންކުރާނެ ޑައިވް އިކްއިޕްމަންޓްސްއާއި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރެއިނިންގ، ސްވިމިން އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ގޮތުގެ ތަމްރީނާއި ތަޖުރިބާތައް ކޯހުގެ ބައިވެރިންނަށް ލައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ސާޖަން ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޢަލީ ޝާހިދު މުޙައްމަދާއި، ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް މުހައްމަދު ރިޒްމީ ވަލީދާއި، ކޯސްޓްގާޑުގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލްގެ އިތުރުން ކޯސްޓްގާޑުގެ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ‏