ފްރެންޗް ލީގުގައި ޓުލޫސް އަތުން 3-1 އިން ބަލިވެ, ޕީއެސްޖީ ދޫކޮށްލާނެ ކަން އިއުލާނު ކުރި ކިލިއަން އެމްބާޕޭ އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޕީއެސްޖީގެ ޕާކް ޑެ ޕްރާންސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޕީއެސްޖީއެވެ. މި ލަނޑަކީ މެޗުގެ 8 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ޕީއެސްޖީއަށް މެޗުގައި ލީޑު ހިފެހެއްޓުނީ އެންމެ ފަސް މިނެޓަށެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޓުލޫސްގެ ތީސް ޑަލިންގާ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޑަލިންގާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ޔޭން ބޯހޯ ވަނީ ލަނޑު ޖަހާ ޓުލޫސްގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ޓުލޫސްގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްރޭންކް މަގްރީއެވެ. މަގްރީގެ ލަނޑާއެކު ޓުލޫސްއަށް ވަނީ މެޗުގެ ތިން ޕޮއިންޓު ޔަގީން ކުރެވިފައެވެ.
ރޭގެ މެޗަކީ އެމްބާޕޭ އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުކަމުގައިވިއަސް އަދި މި ސީޒަނުގައި ޕީއެސްޖީއަށް ތިން މެޗު އެބައޮތެވެ. އޭގެ ތެރޭގައި އެންމެ ފަހު މެޗަކީ ލިޔޯންއާ ދެކޮޅަށް ކުޅޭ ފްރެންޗް ކަޕުގެ ފައިނަލެވެ. ލިޔޯންއާ ދެކޮޅަށް ކުޅޭ ފައިނަލު ކާމިޔާބު ކޮށް, އެމްބާޕޭ ޕީއެސްޖީއަށް ކުޅެދޭ ފަހު މެޗުގައި ތަށްޓެއް ހިއްލާމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.