ފަލަސްތީނުގެ ރަފަހް އަށް އިސްރާއީލުން ހަމަލާ ދޭން ފެށުމާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް އިސްރާއީލާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޣައްޒާގައި، ހާއްސަކޮށް ރަފާގައި މިހާރު ފެންނަމުންދާ މަންޒަރުތަކަކީ މާޔޫސްކަމާއި، މަރުގެ މަންޒަރުތަކެއްކަމަށާއި އިޒްރޭލު ސިފައިންގެ އަތްދަށުން ޣައްޒާ ސުންނާފަތިވާއިރު ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ތިބެގެން ނުވާނެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް އެއްފަހަރާ ހުއްޓާލައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މިހާރު ޢަމަލުކުރަންޖެހޭކަމަށާއި ދާދި ފަހުން ރަފާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިތުރު ވަގުތީ ފިޔަވަޅުތަކެއް އެޅުމަށް ދެކުނު އެފްރިކާއިން އެދޭއެދުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް 1967ގެ ކުރީގެ ބޯޑަރުތަކުގައި، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ގާއިމުކޮށް، މިނިވަން ދައުލަތެއް ގެނައުމުގެ ޙައްޤު ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ރައްޔިތުން ދެމިތިބޭނެކަމަށް އެ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ދައުލަތަކީ ޙަޤީޤަތަކަށް ވެގެން، ފަލަސްޠީނުގައި ތިއްބެވި އަޚުންނާއި އުޚުތުންނަށް ޝަރަފުވެރިކަމާއި، ޞުލްޙަވެރިކަމާއެކު ތަނަވަސްދިރިއުޅުމެއް އުޅެވެންދެން މަޑުނުޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.