މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިމަހުގެ 11 އިން 13 އަށް ގަތަރަށް ކުރެއްވި މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި ގަތަރު ސްޓޭޓްގެ ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އައްޝައިހު މުހައްމަދު ބިން އަބްދުއްރަހުމާން އަލްޘާނީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައިވެއެވެ.

އަދި ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ބައްލަވާލައްވައި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރަށްފަހު އެމަނިކުފާނު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެގައުމުގެ މެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

އަދި މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ.ހާލާ ހަމީދުއިތުރުން އެމްބެސެޑަރ އެޓް ލާޖް ޑރ.ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.