ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް ރާއްޖެއަށް ދީފިއެވެ.

މި އެހީއަކީ 13 މެއި 2024 އިން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިތުރު އަހަރަކަށް 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ރޯލްއޯވާކުރުމުގެ ސިފައިގައި ދިން އެހީއެކެވެ. އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައި ޒަމީރު ވިދާޅުވީ މިއީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ހަގީގީ ހެޔޮ އެދުމެއް ކަމަށެވެ.

"އިންޑިއާ ސަރުކާރުން ޓީބިލް އަނބުރާ ގެންދަން ނިންމީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މެއި 8 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް އެދިވަޑައިގަތުމުން. ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ޝުކުރު ކުރަން" ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެއެވެ.

އިންޑިޔާގެ އެހީގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށްދާއިރު، މި މަޝްރޫޢުތަކުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ފާހަގަކޮށްލެވޭ ބައެއް ހިމެނެއެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ސަރުކާރުން އުންމީދު ކުރަނީ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި މި ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.