ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގާއުމީ އިދާރާ, މެޓް އޮފީހުން ބުނެފިއެެވެ.
އެ އިދާރާ އިން އިތުރަށް ބުނީ ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އިން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި މޫސުމުގައި ގަޑިއަކު 15 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވއސް މެޓް އޮފީހުން ބުންޏެވެ.
އަދި ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އިރުޝާދުދެއްވާފައިވެއެވެ. ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެއެވެ.