ދިވެހިރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓުގެ މަގާމު ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ.

މި އަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިސްގައި އޮންނަ އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވީ, މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޓޭބަލް ޓެނިސްގެ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތް ކާމިޔާބު ކޮށްގެންނެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށް ގެންދިޔަ ކޮލިފިކޭޝަން މުބާރާތް ދީމާ ކާމިޔާބު ކުރީ ފައިނަލުގައި ސްރީ ލަންކާގެ ކުޅުންތެރިޔެއް ކަމުގައިވާ ބަންދަރާ ބިމަންދީ އަތުން ކުރި ހޯދައިގެންނެވެ. ކޮލިފިކޭޝަން މުބާރާތް ދީމާ ކާމިޔާބު ކުރީ މުބާރާތުގައި އޭނާ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ކަން ފާހަގަކޮށްލަން ޖެހެއެވެ.

ދީމާގެ އިތުރުން ސައުތު އޭޝިއަން ރީޗަނަލް އޮލިމްޕިކްސް ކޮލިފިކޭޝަންސްގައި މިޝްކާ މުހައްމަދު އިބްރާހީމް, މޫސާ މުސްނިފް މުހައްމަދު އަދި އަޚްޔަރް އަހްމަދް ޚާލިދް ވަނީ ރާއްޖެ ތަމްސީލު ކޮށްފައެވެ. މުސްނިފް އަދި އަޚްޔާރް ގްރޫޕު ސްޓޭޖުން ނާކާމިޔާބުވި އިރު މިޝްކާ ނާކާމިޔާބުވީ ކުއާޓާ ފައިނަލުންނެވެ.

މި އަހަރު ޕެރިސްގައި ބާއްވަން ހަމަޖެހިފައިވާ ސަމާ އޮލިމްޕިކްސް ގޭމްސް ފެށުމަށް ހަމަޖެހިފައިވަނީ 26 ޖުލައި ވާ ހުކުރު ދުވަހުއެވެ. ޓޭބަލް ޓެނިސް އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 27 ޖުލައި އިން ފެށިގެން 10 އޮގަސްޓުގެ ނިޔަލަށެވެ. އޮލިމްޕިކްސް ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގައި ވާދަކުރާނީ ޖުމްލަ 172 ކުޅުންތެރިންނެވެ.