ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިނގިރޭސިވިލާތުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސް އާ ދެމެދު ބޭއްވި ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ސައީދު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ކޮމަންވެލްތު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގަތުމަށާއި، ރާއްޖޭގައި ހަރުދަނާ މާލީ ބާޒާރެއް ތަރައްގީ ކުރެއްވުމަށް އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ސޯސަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގެ ޕޯސްޓެއް މެދުވެރިކޮށް ހޭންޑްސްއާ އެކު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލް ހިއްސާ ކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ އަދި އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ރާއްޖޭގެ މާލީ ސިނާއަތް ކުރިއެރުވުމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދާއިރާ ފުޅާކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި މިނިސްޓަރް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދުގެ މި ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ މެމްބަރުންނާއި އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.