ފަރަންސޭސި ވިލާތުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސަމާ އޮލިމްޕިކްސްއަށް ރާއްޖޭގެ އެތުލީޓެއް ކަމަށްވާ ފާތިމަތު ދީމާ އަލީ ކޮލިފައިވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިމް މުހައްމަދު ލަތީފު މަރުހަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށް ގެންދިޔަ ޓޭބަލް ޓެނިސްގެ ސައުތު އޭޝިއަން ރީޖަންގެ ކޮލިފިކޭޝަން ކާމިޔާބު ކޮށް, ދީނާ ވަނީ ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓު ކަމުގެ މަގާމު ހޯދާފައެވެ.
ދީމާ, ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ކާމިޔާބީ ފާހަގަކޮށް ނައިބު ރައީސް ވަނީ ފޭސްބުކްގައި ދީމާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ނައިބު ރައީސް އެފްބީގައި ކުރި ޕޯސްޓުގައި, މި ކާމިޔާބީއަކީ ދީމާގެ އިތުރުން އޭނާގެ އާއިލާ, ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަ ކުރައްވާފައެވެ.
ނައިބު ރައީސްގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. މިއަދު ދީމާއާ ފޯނުން ގުޅުއްވައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދީމާ ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާ, މުޅި ރާއްޖެ ވެސް ދީމާ ހޯދި ތާރީހީ ކާމިޔާބީއަށް ޓަކައި ފަހުރުވެރިވާކަން ފާހަގަ ކުރައްވާފައެވެ.