އިންޑިއާ ފަތުރުވެރިން ދިވެހިރާއްޖެ ބޮއިކޮޓް ކުރުމުން ފައިދާ ވަނީ ސްރީ ލަންކާއަށް ކަމަށް އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފާނަންޑޯ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޖަނަވަރީ މަހު ސޯޝަލް މީޑިއާގައި ދެ ގައުމުގެ ދެމެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުން އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ގޮވާލައިފައެވެ. ފަތުރުވެރި ކަމަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި އިންޑިއާއިން ފެށި ބޮއިކޮޓުގެ ސަބަބުން, 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އިންޑިއާ މި އަހަރު ވަނީ ހަވަނައަށް ވެއްޓިފައެވެ. ރާއްޖައަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ މި ދިޔަ އަހަރާ އަޅާ ބަލާއިރު 88 އިންސައްތަ ދަށްވެފައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ފައިދާ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވަނީ ލަންކާއަށެވެ. މި ކަން ފާހަގަ ކުރައްވާ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ބޮއިކޮޓުގެ ސަބަބުން ރާއްޖެއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެހީވުން ކަމުގައެވެ.

"ރާއްޖެއަށް ދިމާވާނެ މައްސަލައަކީ އަހަރެމެންގެ ފަތުރުވެރިކަމަށް އެހީވުން. ލަންކާއިން އިންޑިއާގެ ފަތުރުވެރިންނަށް މާ ގިނަ ފައިދާތަށް ލިބިގެންދާނެ. އިންޑިއާއަކީ މި ވަގުތު ދުނިޔޭގައި އެންމެ ހަލުވިމިނެއްގައި ކުރިއަރަމުންދާ އިގުތިސާދު އޮތް ގައުމު. އަހަރެމެންނަށް އެކަމުގެ ފައިދާ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެބަލިބޭ" ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ހަރިން ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެ ބޮއިކޮޓު ކުރަން ގޮވާލި ފަހުން ލަންކާއަށް އިންޑިއާގެ ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ވަނީ ވަރަށް ބޮޑަށް ގިނަވެފައެވެ. މި އަހަރުގެ ޖަނަވަރީ މަހު ލަންކާއަށް 34,000 ފަތުރުވެރިން ދަތުރުކުރި އިރު, މި ދިޔަ އަހަރުގެ ޖަނަވަރީ މަހު އިންޑިއާއިން ލަންކާއަށް ދަތުރުކުރީ އެންމެ 13,759 ފަތުރުވެެރިންނެވެ. މިއީ މި ދިޔަ އަހަރާ ބަލާއިރު 100 އިންސައްތައަށްވުރެ ބޮޑު ކުރިއެރުމެކެވެ.