ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ”ޓްރެއިނިންގ އޮން ސްޓެންތެންގ ކެޕޭބިލިޓީސް ޓު ޑިސްޓްރަޕްޓް މެރިޓައިމް ކްރައިމްސް އޭޒް ރިލޭޓެޑް ޓު ޓެރަރިސްޓް ތްރެޓްސް” ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިސްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިބްރާހީމް އަދުނާން އަނީސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ކޯހެއްގެ މުހިންމު ކަމާއި، ކޯހުގެ ބައިވެރިންނަށް މި ކޯހުން ލިބުނު އިލްމާއި ހުނަރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ކޯހުގައި ދަސްވިކަންކަން އަމަލީ މައިދާނުގައި ބޭނުންހިފުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

ރަސްމިއްޔާތުގައި، މެރިން ޕޮލިސްގެ ޑިޕާޓްމަންޓުތަކުގެ އިސް އޮފިސަރުންނާއި ޔޫ.އެން.އޯ.ޑީ.ސީގެ ހެޑް އޮފް އޮފީސް މރ. އެންރީކޯ ބޮނިންސޭނާ އަދި ކޯހުގެ މުދައްރިބު މރ. ކެނެތް އަލްފެރޑޯ ޕެނިންގޓަން ބައިވެރިވެލެއްވިއެވެ.

މެއި 13 އިން 15 އަށް ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ދެނެގަތުމާ އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭ ސަރަހައްދަށް ވަދެ ނުކުތުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށް ތަމްރީނުދީފައިވެއެވެ.

އަދި މިފަދަ ކުށްތައް ތަހުގީގު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ވެސް މިޕްރޮގްރާމުގައި ކިޔަވައިދީފައިވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުން 22 މުވައްޒަފުން މި ޕްރޮގްރާމުގައި ބައިވެރިވިއެވެ.