ތ. ކިނބިދޫގައި އާ ސޯލާ ޕީވީ-ބީއީއެސް-ޑީސަލް ޖަނަރޭޓަރު ހައިބްރިޑް ޕަވާ ސިސްޓަމެއް ޓެސްޓުކުރަމުން ދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

މި ހައިބްރިޑް ޕަވަރ ސިސްޓަމްގައި ސޯލާ ޕެނަލް، ބެޓެރީ ސްޓޯރޭޖް އަދި ޑީސަލް ޖަނަރޭޓަރުތައް އެކުލެވިގެންވެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި މިނިސްޓްރީ އޮފް ކްލައިމަޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަޖީ ގެ އެހީތެރިކަމާއެކު ފެނަކަ ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ މި އިނޮވޭޓިވް ޕްރޮޖެކްޓްގެ އަމާޒަކީ ޑީސަލްއަށް ބަރޯސާވުން ކުޑަކުރުމެވެ.

މި ޕްރޮޖެކްޓުގެ ޕްރީ ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް ފެނަކައިން ބުނެއެވެ. މި ސިސްޓަމް ކާމިޔާބުވެއްޖެނަމަ ކޮންމެ ދުވަހަކު ވެސް އެތައް ގަޑިއިރަކަށް ޑީސަލް ޖަނަރޭޓަރުތައް މުޅިން ބަންދުކުރުމުގެ ފުރުސަތު އެ ރަށަށް ލިބިގެންދާނެއެވެ. އެ ވަގުތުތަކުގައި ސޯލާ ޕެނަލް އާއި ބެޓެރީ ސްޓޯރޭޖްގެ އެހީގައި ރަށުގެ ކަރަންޓުގެ ހުރިހާ ބޭނުންތައް ފުރިހަމަ ވެެގެންދާނެއެވެ.

މި މަޝްރޫޢަކީ ރާއްޖެއަށް އިޢާދަކުރަނިވި ހަކަތައަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މިޕރޮޖެކްޓް ކަމިޔާބުވެއްޖެނަމަ މިއީ ރާއްޖޭގެ އެހެން ރަށްރަށަށް ވެސް ނަމޫނާއަކަށް ވެގެންދާނެ މަޝްރޫޢެކެވެ.