އަޟްހާ އީދު ގެ ހަރަކާތްތައް ބޭއްވުމަށް 26 ރަށަކުން ޕްރޮޕޯސަލް ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރު އީދުގެ ހަރަކާތްތަށް ބޭއްވުމަށް ތިން ރަށެއް ކަނޑައަޅާނެ ކަމަށެވެ. އެގޮތުން ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ފައިނަލިސްޓުން ހޮވުމުގެ ކުރިން ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތުގައި އުތުރުގެ ހަތް ރަށަކާއި މެދުރާއްޖެއިން 10 ރަށަކުން އަދި ދެކުނުގެ ސަރަހައްދުތަކުން ނުވަ ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. އެކަމަކު ގިނަ ރަށްތަކަކުން ޕްރޮޕޯސަލް ހުށަހެޅީ މިނިސްޓްރީން ކަނޑައެޅިފައިވާ މުއްދަތުގެ ފަހުންނެވެ.

ޕްރޮޕޯސަލްތައް އެސެސްކޮށް މާކް ކުރުމަށް، ފައިނަލިސްޓުން ކަނޑައެޅުމަށް މިނިސްޓްރީން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފައެވެ. އެ ކޮމެޓީގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ފައިނަލިސްޓުން އަންނަ ހަފުތާގައި އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައިވަނީ 25 އޭޕްރީލް 2024 ގައެވެ.