ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޝާމިން ހަބީބު ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.

ޝާމިން ޕީއެންސީއަށް ސޮއި ކުރެއްވީ އިއްޔެ މުލިއާގޭގައި އޮތް ހަފްލާއެއްގައެވެ. އަދި ޝާމިން އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ފޯމު ހަވާލުކުރެއްވީ ރައީސް ޑރ. މުއިއްޒާއެވެ.

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކުރެންދޫ ދާއިރާއަށް ޝާމިން އިންތިހާބުވެފައިވަނީ އެމްޑީޕީން ވާދަކުރި އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުއާއި، ޕީއެންސީގެ ޓިކެޓުގައި، ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އާދަމް ތައުފީގާއި ވާދަކޮށް، ބޮޑު ފަރަގެއްގެ ތަފާތުކުންނެވެ.

ޝާމިންގެ އިތުރުން މަޖިލީހަށް އަމިއްލަގޮތުން އިންތިހާބުވި އިތުރު މެމްބަރުންވެސް ވަނީ މީގެކުރިން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެގޮތުން، އެ ޕާޓީއަށް ސޮއިކޮށްފައިވަނީ ހުރާ ދާއިރާއަށް އިންތިހާބުވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއަށް އިންތިހާބުވި ހަސަން ޒަރީރުއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ ޕީއެންސީންނެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެމްބަރުންގެ އަދަދު މިހާރުވަނީ 80 އަށްވުރެ މަތީގައެވެ.