ކުޅުދުއްފުށީ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައި ވަނީ މި އަހަރުގެ ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޓީމުތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ހާމަކޮށްފައެވެ. މި މުބާރާތުގައި ބައިވެރިވެވެނީ ކުޅުދުއްފުށި ސިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ކުންފުނިތަކަށާއި ކްލަބުތަކަށެވެ.

މި މުބާރާތަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 10 ޖޫން ވާ ދުވަހު މެންދުރު 12 ޖަހާ އިރަށެވެ. މުބާރާތަށް ރަޖިސްޓާ ކުރުމަށް އެދޭ ގޫގްލް ފޯމު ކުޅުދުއްފުށި ސިޓީ ކައުންސިލުން އާއްމު ކުރި ޕޯސްޓުގައި ވަނީ ހިމަނާފައެވެ. މުބާރާތަށް ރަޖިސްޓާ ވުމުގެ ފުރުސަތު ލިބެނީ އެންމެ ފުރަތަމަ އެ ފޯމު ފުރާ 8 ޓީމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75,000 އަދި ރަނާ އަޕް ޓީމަކަށް 20,000 ރުފިޔަލުގެ ފައިސާ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2 އޮގަސްޓު ވާ ދުވަހުއެވެ.