އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމު ބޮޑާނުވެ ހުންނެވުމަށް ވިދާޅުވެ ކޮމިޔުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލު ޢާޒިމަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ ތާކިހާ އަޅުއްވައިގެން ޢަލީ ޢާޒިމް އަބަދު ކުރައްވާ މަސައްކަތަކީ ސަރުކާރު ބަލިކަށި ކުރުން ކަމަށެވެ.
ޢަލީ ޢާޒިމް އުޅުއްވަނީ އެއްވެސް އަސާސެއްނެތި ފަހަރަކު ވަޒީރަކާ ދިމާކުރައްވައިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އޭނާ ދިމާކުރައްވައިގެން އުޅުއްވާ ވަޒީރުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލާއި، ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފާއި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
"ޕީޖީ ލީޑަރުގެ ތާކިހާ އަޅުއްވައިގެން ހަތަރުދަމު ތިޔަ ކުރައްވާ މަސައްކަތަކީ ސަރުކާރު ބަލިކަށި ކުރުން. ފަހަރަކު ވަޒީރަކާ އެއްވެސް އަސާސެއްނެތްނެތި ދިމާކޮށް ޖެއްސުން ކުރުން. މިނިސްޓަރ ފަޔާ، މަހޭ، އިމްރާން، ޒަހާ، ތިޔަ ކަމުން ލިބޭނެ މޮޅެއް ނޯންނާނެ. މާ ބޮޑާ ނުވެ ހުންނަވާ،" މަލީހުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވެ ޓުވީޓު ކުރެއްވީ ޓެލްކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނާއި ދިވެހިރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން ޤާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދާ ބެހޭ ގޮތުން ވެސް މިނިސްޓަރ މަލީހު ހައްދަވަނީ އިތުރުފުޅު ކަމަށް ވިދާޅުވެ ޢާޒިމް ޓްވީޓު ކުރެއްވުމުންނެވެ. ޢަލީ ޢާޒިމް ވިދާޅުވެފައިވަނީ މިނިސްޓަރ މަލީހު އުޅުއްވަނީ ރައްޔިތުން އޮޅުވާލަން ކަމަށެވެ. "އަވަސް އަރުވާލައިގެން ޤަވާއިދު ހަދާ އޭޖީއަށް ފޮނުވާފައިވަނީ މަނިކުފާނުގެ ނޯ ކޮންފިޑެންސް މައްސަލަ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެގިފަހުން. އެއްވެސް މީހަކު ޤާނޫނަށްވުރެ މަތީ ހުރެގެން ނުވާނެ،" ޢާޒިމް ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން މަލީހު ވިދާޅުވެފައިވަނީ އަސާސެއނެތް ކަމެއްގެ އިލްޒާމް އަޅުވައި އަދަބު ދެއްވަން އުޅުއްވުމަކީ ދުސްތޫރާ ޚިލާފުކަމެއް ކަމަށެވެ. ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ނުކުރައްވައި ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.