ތިން ބައި އިލެކްޝަނެއްގެ ވޯޓުލާ ގަޑިއާއި ތާރީހު ބަދަލުވިކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާނުކޮށްފިއެވެ.

އީސީން މިކަން އިއުލާންކޮށްފައިވަނީ އެ ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އިސީން ބުނީ މި އަހަރުގެ އަރަފާތު ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމުގައި ކަނޑައެޅުމާ ގުޅިގެން އެ ދުވަހު ބާއްވަން ހަމަޖެއްސި ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ

އަދި އެ ދުވަހު ވޯޓުލުން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ކަމަށްވެސް އީސީން ބުނެފައިވެއެވެ.

މީގެއިތުރުން އީސީން ބުނީ މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 23 ގައި ކަމަށެވެ. މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަހެކެވެ.