ޔޫރޯ ތައްޔާރީތަކުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި އައިސްލެންޑު އަތުން 4-0 އިން ނެދަލޭންޑްސް މޮޅުވެއްޖެއެވެ.
ނެދަލޭންޑްސްގެ ދަނޑެއް ކަމުގައިވާ ޑެކުއިޕް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނެދަލޭންޑްސްގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗުގައި ނެދަލޭންޑްސްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަރަމުން އަންނަ ތަރި އެއް ކަމުގައިވާ ޒަވީ ސިމޮންސްއެވެ.
ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެންޑައިކް ވަނީ ލަނޑު ޖަހާ, އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރު ކޮށްފައެވެ. ނެދަލޭންޑްސްގެ ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޑޮންޔެލް މެލެން ކާމިޔާބު ކުރި ލަނޑެކެވެ.
ނެދަލޭންޑްސްގެ ފަހު ލަނޑު ކާމިޔާބު ކުރީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތަޖުރިބާކާރު ސްޓަރިކަރު ވޯޓް ވެގްހޯސްޓެވެ. ވެގްހޯސްޓްގެ ގޯލާއެކު ނެދަލޭންޑްސް ވަނީ, ޔޫރޯ ތައްޔާރީތަކުގެ އެންމެ ފަހު މެޗު ކާމިޔާބު ކޮށްފައެވެ.
ނެދަލޭންޑްސް ދެން ނިކުންނާނީ 16 ޖޫން ވާ ދުވަހު ޔޫރޯގައި އޮސްޓްރިއާއާ ދެކޮޅަށެވެ. ވަރުގަދަ ސްކޮޑަކާއެކީ ޔޫރޯއަށް ނިކުންނަ ނެދަލޭންޑްސްއަށް މި ޔޫރޯގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ވަރަށް ޕްރެޝަރު ބޮޑެވެ.