ޔޫރޯގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި އަޔަލެންޑް އަތުން 3-0 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ.
ޕޯޗުގަލްގެ އެވޭރޯ މުނިސިޕަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޕޯޗުގަލްއެވެ. އެ ގޮތުން މެޗު ފެށިގެން 18 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބާސެލޯނާއަށް ކުޅެމުން އަންނަ ޖައޯ ފީލިކްސްއެވެ.
ޕޯޗުގަލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯއެވެ. އޭގެ ދިހަ މިނެޓު ފަހުން ރޮނަލްޑޯ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ ޕޯޗުގަލްގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. މި ލަނޑަކީ އޭނާ ޕޯޗުގަލްއަށް ކާމިޔާބު ކޮށްދިން 130 ވަނަ ލަނޑެވެ.
ރޮނަލްޑޯގެ ދެ ލަނޑާއެކު ޕޯޗުގަލް ވަނީ އެ ޓީމުން ޔޫރޯގެ ތައްޔާރީތަކުގެ ތެރެއިން ކުޅުނު އެންމެ ފަހު އެކުވެރިކަމުގެ މެޗު ކާމިޔާބު ކޮށްފައެވެ.
ޔޫރޯގައި ޕޯޗުގަލްގެ އެންމެ ފުރަތަމަ މެޗު އޮތީ 19 ޖޫން ވާ ބުދަ ދުވަހުއެވެ. މި މެޗުގައި ޕޯޗުގަލް ނިކުންނާނީ ޗެކް ރިޕަބްލިކްއާ ދެކޮޅަށެވެ.