ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރ އަލީ އިހްސާން, ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގައި ސިޓީ ޕޮލިސްގެ ހިދުމަތްތައް ފުރިހަމައަށް ގާއިމުކޮށް, ފުލުހުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ފުޅާކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އޭގެ އިތުރުން ފުލުހުންގެ ޕޮލިސް ސްޓޭޝަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށާއި, ފުލުހުންގެ އެކި މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަނީ, ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އައިޑީ ކާޑު ހެއްދުމުގައި ލުއި ފަސޭހަ ކޮށްދިނުމަށް ޓަކައި އެ ސިޓީގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތްތައް ފެށްޓުމާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. ކުޅުދުއްފުށި ސިޓީގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރާނެ ގޮތްތަކާއި, ޑްރަގް ރިހެބިލިޓޭޝަންގެ މަސައްކަތް ފުޅާ ކުރުމާ ބެހޭ މަޝްވަރާތައް ވެސް މި ބައްދަލުވުމުގައި ވަކީ ކުރިއަށް ގޮސްފައެވެ.
ކުޅުދުއްފުށި ސިޓީގެ ތަރައްގީއަށް ޓަކައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ އަލީ އިހްސާންގެ އިތުުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އަލީ އާއި ސްޓޭޓް މިނިސްޓަރ އަލްއުސްތާޒާ ލުބްނާ މުހައްމަދު ވަނީ ބައިވެރިވެވަޑައި ގަންނަވާފައެވެ. މޯލްޑިވްސް ޕޮލިސް ސާވިސެސްގެ އެސިސްޓަންޓަ ކޮމިޝަނާ ފަރްހާދް ފިކުރީ ވެސް ވަނީ ކި ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަންނަވާފައެވެ.