ކުރިއަށް އޮތް އަޟްހާ އީދު ބަންދާ ގުޅިގެން ވިސާގެ ހިދުމަތް ދިނުން ކުރިއަށް ދާނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އީދު ބަންދާ ގުޅިގެން ވިސާގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ 16 ޖޫން އިން 20 ޖޫން ވާ ދުވަހަށެވެ. މި މުއްދަތުގެ ތެރޭގައި ވިސާގެ ހިދުމަތްތައް ލިބުނު ކަމުގައިވިއަސް, ވޯކް ވިސާގެ ހިދުމަތަށް އެދި ހުށައެޅުން މެދު ކެނޑިގެންދާނެއެވެ.

އިމިގްރޭޝަނުން ހާމަ ކުރާ ގޮތުގައި އިމުގާ ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެ ހިދުމަތްތަކަކީ ޓުއަރިސްޓް ވިސާ އެކްސްޓެންޝަން އަދި ސްޕެޝަލް ވިސާގެ ހިދުމަތްތަކަށެވެ. އީދު ބަންދުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް އެހެން ހިދުމަތްތައް މެދު ކެނޑޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މެޑިކަލް އެމަޖެންސީތަކުގައި ވޯކް ވިސާގެ ހިދުމަތް ބޭނުންފުޅުވާނަމަ 9199153 އަށް, އަދި އެހެނިހެން ވިސާތަކުގެ ހިދުމަތް ހޯދުމަށް 9199157 އަށް ގުޅުއްވުމަށް އިމިގްރޭޝަނުން ވަނީ ލަފާ ދީފައެވެ.