ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކަނޑު އުޅަނދުތައް ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް މެރިން ޕޮލިހުން ފަށައިފިއެވެ.
މި އޮޕަރޭޝަން ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 14:00 އިން ޖޫން މަހުގެ 23 ވަނަ ދުވަހުގެ 18:00 ނިޔަލަށެވެ. މި އޮޕަރޭޝަނުގައި މާލޭ ސަރަހައްދުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ބަލާ ފާސްކޮށް, ކަނޑު ދަތުރުތަކުގައި ރައްކާތެރިވާނެ ގޮތްގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ސަރަހައްދުގެ އިތުރުން, ރާއްޖޭގެ އަތޮޅުތަކުގެ ސަރަހައްދުތަކުން ލަފާފުރާ އުޅަނދުފަހަރުތައް ބަލާ ފާސް ކުރުން އެ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ކުރިއަށް ދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ, މި އޮޕަރޭޝަނަކީ އަޟްހާ އީދާ ދިމާކޮށް ގިނަ ބަޔަކު އެކި އަތޮޅުތަކުން މާލެއަށް ޒިޔާރަތް ކުރެވޭނެ ކަމަށް ބަލެވޭތީ, އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެކެވެ.