ޔޫރޯގެ ގްރޫޕު "ބީ" ގައި ރޭގައި ކުޅުނު މެޗުގައި އަލްބޭނިއާ އަތުން 1-1 އިން އެއްވަރުވެ ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ކްރޭޝިއާއަށް ހަނިވެއްޖެއެވެ.

ވޮލްކްސްޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ދެ ޓީމުން ނިކުތްއިރު ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް އަދި މިހާތަނަށް މުބާރާތުގައި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. މިއީ, މި ދެ ޓީމުން މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ކްރޭޝިއާ މި މެޗަށް ނިކުތީ މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕެއިން އަތުން 3-0 އިން ބަލިވެގެންނެވެ. މުބާރާތެއްގައި ޖެހިޖެހިގެން އެންމެ ފަހުން ކްރޭޝިއާ ބަލިވެފައިވަނީ 1996 ވަނަ އަހަރުގެ ޔޫރޯގައެވެ.

މެޗު ފެށިގެން 11 ވަނަ މިނެޓުގައި އަލްބޭނިއާ ވަނީ ލަނޑު ޖަހާ, ވަރުގަދަ ކްރޭޝިއާއާ ދެ ކޮޅަށް ލީޑު ނަގާފައެވެ. މި ލަނޑަކީ ޔާސިރް އަސާނީ ނަގައިދިން ހުރަހަކުން ގާޒިމް ލާޗީ ކާމިޔާބު ކުރި ލަނޑެކެވެ. ލާޗީގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން އަލްބޭނިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކްރޭޝިއާ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ކްރޭޝިއާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އަންޓީ ބުޑިމިރް ދިން ޕާހަކުން އަންޑްރޭ ކްރަމަރިޗް ކާމިޔާބު ކުރި ލަނޑެކެވެ.

ކްރަމަރިޗް ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ކްރޭޝިއާ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ފުށުން ޖަހާލާފައެވެ. މި ލަނޑަކީ އަލްބޭނިއާގެ މިޑްފީލްޑަރު ކްލައުސް ޔަސޫލާ ގައިގައި ޖެހިފައި ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ.

އަލްބޭނިއާ, މެޗުގެ 11 ވަނަ މިނެޓުން ފެށިގެން ހިފެހެއްޓީ ލީޑު ގެއްލިގެންދިޔަ ކަމުގައިވިއަސް އެ ޓީމުން ވަނީ ހިތްވަރާއެކު ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އަލްބޭނިއާގެ ހިތްވަރުގަދަ ކަމުގެ ނަތީޖާއަކަށްވީ, މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ, ބައިކޮޅަށް ލަނޑު ޖެހުނު ކްލައުސްއެވެ. ކްލައުސްގެ ލަނޑާއެކު މި ފޯރިގަދަ މެޗު ނިމިގެންދިޔައީ ދެ ޓީމަށް ވެސް އެއް ޕޮއިންޓު ލިބިގެންނެވެ.

މެޗުން އެއްވަރުވުމާއެކު ކްރޭޝިއާ އޮތީ ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕު "ބީ" ގެ ފުލުގައެވެ. ތިންވަނައިގައި އޮތް އަލްބޭނިއާއަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓު ކަމުގައިވިއަސް ގޯލު ޑިފެރެންސްއިން އަލްބޭނިއާ އޮތީ ކުރީގައެވެ.

މި ގްރޫޕުގައި ދެން އޮތް ދެ ޓީމު ކަމުގައިވާ ސްޕެއިން އަދި އިޓަލީ ބައްދަލުކުރާ މެޗު އޮތީ މިރޭ ދަންވަރު 00:00 ގައެވެ.