ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށާއި އެ ކަމަށް ސަމާލު ވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން އިލްތިމާސް ކުރައްވައިިފިއެވެ.

މެޓުން ބުނީ އެ ސަރަހައްދުތަކުގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓުން ބުންޏެވެ.

މެޓުން އިތުރަށް ބުނީ ދެކުނާއި ހުޅަނގުދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ބާރުމިނުގައިވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާ އަދި އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ބުންޏެވެ

އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގެ ކަމަށާއި އުތުރުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކ. ގާފަރަށެވެ. އެއީ 38.4 މިލިލީޓަރުގެ ވާރޭއެވެ.