ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން ދަނީ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މި ކަން ހާމަކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެކުންފުނިން އިތުރަށް ބުނެފައިވަނީ އެ ރަށުގެ ގޮނޑުދޮށުގެ ބިންހިއްކުމާއި ފަސްގަނޑު ކޮމްޕެކްޓްކުރުމުގެ މަސައްކަތްވެސް ކުރެވެމުން ދާ ކަމަށެވެ.
އަދި މިހާތަނަށް މުޅި މި މަޝްރޫއުގެ %60 މަސައްކަތް ވަނީ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 19,789 ކިއުބިކް މީޓަރުގެ ބިންހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން ހިންގާ މި މަޝްރޫއަކީ 11.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.