އެންމެން ގުޅިގެން ނަތީޖާ ނެރެދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ. އެ މަނިކުފާނު މި ގޮތަށް އިލްތިމާސްކުރެއްވީ ވުޒާރާއަށް ސިވިލް ސަރވިސް ކޮމިޝަނުން އަލަށް އައްޔަންކުރެއްވި ޕަރމަނަންޓް ސެކްރެޓަރީއަށް، މަޤާމުގެ ލިޔުން ޙަވާލުކުރެއްވުމަށް މިއަދު ހެނދުނު މި ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަލަށް އައްޔަންކުރެއްވި ޕަރމަނަންޓް ސެކްރެޓަރީއަށް މަރުޙަބާ ދަންނަވައި ވަޒީރުދެއްކެވި ވާހަކަފުޅުގައި މި ވުޒާރާއާ ސަރުކާރުން މަތިކޮށްފައި މަސައްކަތްތަކަކީ ކޮބައިކަން ވިދާޅުވެދެއްވައި، އެ މަސައްކަތްތައް ޙާޞިލްކޮށްދެއްވައި ނަތީޖާ ނެރެދެއްވުމަށް އެންމެންނާ ގުޅިގެން މަސައްކަތްޕުޅުކޮށްދެއްވުމަށް އައު ޕަރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި މި ވުޒާރާއަކީ، އެންމެހައި މުވައްޒަފުން ނުހަނު ޝައުޤުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ވަރުގަދަ ސަޤާފަތެއް ޤާއިމުވެފައި އޮތް މުއައްސަސާއެއް ކަމަށް ވިދާޅުވެ، ފަންވަތް ޕޯޓަލް ފުރިހަމަ ކުރެއްވުމަށް މުވައްޒަފުން ކުރެއްވެވި މަސައްކަތް ފާހަގަ ކުރައްވާފައި ވެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ބައެއް މެންބަރުންނާއި، މި ވުޒާރާގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވި މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަފުޅުގައި ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޢަބްދުﷲ ރަޝީދަށާއި، ދެ ފަހަރެއްގެ މަތިން މި މިނިސްޓްރީގެ ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުން މަސައްކަތްކުރެއްވި ކޭމްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އިލްޔާސް އަޙްމަދަށް ޝުކުރު އަދާކުރެއްވިއެވެ.

މަޢުލޫމާތު: https://sarukaaru.gov.mv/articles/4220