ޔޫރަޕިއަން ޔޫނިއަންއާ ގުޅުން ކަނޑާލަން ތައްޔާރަށް އޮތް ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ.

ރަޝިޔާއިން މިކަން ހާމަކުރީ، ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ހައްޔަރުކުރި މައްސަލާގައި އީޔޫއާއި ރަޝިޔާގެ އަރާރުންތައް ހޫނުވެ، ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނޭކަމުގެ އިންޒާރު އީޔޫއިން ދިނުމާ ގުޅިގެންނެވެ.

ރަޝިޔާގެ ގައުމީ ޓީވީގައި ހުކުރު ދުވަހު ވާހަކަ ދައްކަވަމުން، ރަޝިޔާ ސަރުކާރުގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯފް ވިދާޅުވީ، ރަޝިޔާއަށް އަދަބު ދިނުމުގެގޮތުން ޔޫރަޕިއަން ޔޫނިއަނުން އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ ރަޝިޔާ އޮތީ އޭގެ ބަދަލު ހިފަން ތައްޔާރަށް ކަމަށެވެ.

ލަވްރޯފް ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ ރަޝިޔާގެ އިގްތިސާދަށް އެކަމުގެ އަސަރު ކުރާނޭ ކަމެއް ކަމަށެވެ. އެހެންކަމުން، އީޔޫއިން އެފަދަ ކަމެއް ކޮށްފިނަމަ ގުޅުން ކަނޑާލަން ރަޝިޔާ އޮތީ ތައްޔާރަށް ކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ސަރްގޭ ލަވްރޯފް ވިދާޅުވީ، ބައިނަލްއަގްވާމީ މުޖުތަމައުން އައިސޮލޭޓްވާން ރަޝިޔާ ބޭނުން ނުވާ ކަމަށާއި، އެކަންކަމަށް ރަޝިޔާ އޮތީ ތައްޔާރު ވެގެން ކަމަށެވެ.

ހުޅަނގުގެ ބާރުތަކުންނާއި އަދި ރަޝިޔާގައި މުޒާހަރާ ކުރަމުންދާ އެތައްހާސް ބަޔަކު ގެންދަނީ އިދިކޮޅު ލީޑަރު ނަވަލްނީ ޖަލުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ރަޝިޔާ ސަރުކާރުން އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލަށް ލާފައިވަނީ، ޖަރުމަނުގައި ހުންނަވާފައި އޭނާ މިދިޔަމަހު އެނބުރި ރަޝިޔާއަށް ވަޑައިގަތުމުން އެއަރޕޯޓުން ހައްރުކޮށްގެން ގެންގޮހެވެ.

އީޔޫގެ ބޭރުގެ ގުޅުންތަކާބެހޭ ވެރިޔާ ޖޯސެފް ބޮރެލް ހުކުރު ދުވަހު ވިދާޅުވެފައިވަނީ، ނަވަލްނީގެ މައްސަލާގައި ރަޝިޔާއާ ދެކޮޚަށް ފިޔަވަޅު އަޅަން މިމަހު ފަހުކޮޅު ބާއްވާ އީޔޫގެ ފޮރިން މިނިސްޓަރުންގެ ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށެވެ.