ޗައިނާގެ އެއާލައިންއެއް ކަމައްވާ ޗޮންގްޗިންގް އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ޗޮންގްޗިންގް އެއާލައިންސްގެ ފުރަތަމަ ފްލައިޓް ރާއްޖެއަށް ޖެއްސުމުގެ މުނާސަބާ އިއްޔެ ވެލާނާ އެއާޕޯރްގައި ފާހަގަކޮއްފައިވެއެވެ.

ޗޮންގްޗިންގް އެއާލައިންސް ދަތުރުކުރަން ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޗައިނާގެ ޗޮންގްކިންގް ޖިއަންގްބޭ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުއެވެ. ޗޮންގްކިންގް އަކީ 1950 ވަނަ އަހަރު ގާތްގަނޑަކަށް އެއް މިލިއަން މީހުންގެ އާބާދީއިން މިއަދު ގާތްގަނޑަކަށް 30 މިލިއަނަށް މީހުންނަށް އަރާފަވާ ޗައިނާގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ސިޓީއެވެ.

ޗޮންގްކިންގް އެއާލައިންސްގެ ފްލީޓުގައި 30 މަތިންދާބޯޓު ހިމެނޭއިރު، ޗައިނާގެ ޑޮމެސްޓިކް ފްލައިޓުތަކުގެ ހިދުމަތާއި ސްރީލަންކާ، ތައިލެންޑް، ވިއެޓްނާމް އަދި ސިންގަޕޫރަށް ބައިނަލްއަގުވާމީ ފަސިންޖަރުންގެ ހިދުމަތް ވެސް ދެއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މި އަހަރުގެ މިހާތަނަށް 113،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ޗޮންގްޗިންގް އެއާލައިންސްގެ ފަލައިޓްތައް ތައާރަފްކުރުމުން ޗާއިނާގެ ފަތުރުވެރިންނަށް ރާއްޖެއަށް ދަތުރުކުރާ އިތުރު ދޮރެއް ހުޅުވިގެންދާނެއެވެ.

ރާއްޖެއަށް މިހާރު ދަތުރުކުރާ ޗައިނާގެ އެއާލައިންތަކުގެ ތެރޭގައި ބެއިޖިން ކެޕިޓަލް އެއާލައިންސް، ޗައިނާ އީސްޓަން، ސިޗުއާން އެއާލައިންސް އަދި ޒިއާމެން އެއާލައިންސް ހިމެނެއެވެ.