އެމެރިކާގެ، ޔުނިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ޙާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި މިޝްވަރާތައް ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައިއެވެ. މި ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޔޫއެސްއެއިޑަކީ ދުނިޔޭގެ އެކި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އެމެރިކާ ސަރުކާރުން ހިންގަވަމުން ގެންދަވާ އިދާރާއެކެވެ.

ޔޫއެސްއެއިޑްއާއެކު ކުރި މަޝްވަރާތަކުގެ އިތުރުން އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ ވަޒީރު ބައްދަލުކޮށް އެމެރިކާގައި ހުންނަ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ބައްދަލުވުމެއްގައިވެސް އެމަނިކުފާނު ބައިވެރިވުމަށް ތާވަލްކުރެވިފައިވާކަމަށް ޙާރިޖީ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ މި ދަތުރުފުޅުގައި، ވޮޝިންގްޓަނާއި، ނިއުޔޯކާއި އަދި ނިއުޖަރޒީގައި ދިރިއުޅޭ ދިވެހިންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެކަމަށް ޙާރިޖީ ވުޒާރާއިން ބުނެއެވެ.