ކުޅުދުއްފުށި ސިޓީ އުުތުރު ދާއިރާ ބައި އިލެކްޝަނަށް ބަހައްޓާ ވޯޓު ފޮށްޓަށް އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ, ޖުލައި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިލެކްޝަނާ ގުޅިގެން އެ ސިޓީގައި ބަހައްޓާ ވޯޓު ފޮށީގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ.

އެ ސިޓީގެ ކައުންސިލުން ހާމަކުރާ ގޮތުގައި މި ވޯޓު ފޮށީގެ އޮފިޝަލަކަށް ވާން ރަޖިސްޓްރީ ކުރެވޭނީ ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކޮށް, އެ ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ. އޭގެ އިތުރުން, އޮފިޝަލަކާް ވުމަށް އެދޭ ފަރާތާއި މި ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެނޑިޑޭޓަކާ އެއް ވެސް އާއިލީ ގުޅުމެއް އޮވެގެން ނުވާނެ ކަމަށް ވެސް އެ ކައުންސިލުން ހާމަކުރެއެވެ.

ބައި އިލެކްޝަނަށް ކުޅުދުއްފުށި ސިޓީގައި ބަހައްޓާ ވޯޓު ފޮށީގެ އޮފިޝަލަކަށް ވުމަށް ފޯމު ހުށައެޅުމުގެ ސުން ގަޑިއަކީ 27 ޖޫން ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ, ވޯޓު ފޮށީގެ އޮފިޝަލަކަށް ވުމަށް އެދޭ ފޯމު އެ ކައުންސިލުގެ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.