މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވެއްޖެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު އިއްޔެ ރާއްޖެ އައި ހައްޖާޖީންގެ ތެރޭގައި ހިމެނުނު ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބަކާ ނިޔާވެފައިވަނީ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ ބަކާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެން ކަމަށާއި އަދި އެ މައްސަލަ ދިމާވީ އިންފެކްޝަނެއްގެ ސަބަބުންނެވެ.

ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. އަދި ބޭރުގެ ލީގެއްގައި ކުޅުނު ރާއްޖޭގެ މަދު ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ. އޭނާ ވަނީ މިޔަންމާ ލީގުގެ ޓީމަކަށް މީގެކުރިން ކުޅެފައެވެ. އަދި ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް ބަކާ ވަނީ ހޯދާފައެވެ.

އޭނަގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މިޑިއާގައި ހިތާމަފާޅު ކުރަމުންނެވެ.