ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޔޫއެސްއެއިޑްގެ އެހީގައި ކުރިއަށް ގެންދާ އިލެކްޓްރޯންވައިބް މޯލްޑިވްސް ޕްރޮގްރާމްގެ ދަށުން ސްޓާޓްއަޕްތަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ، މި އެއްބަސްވުމުގެ މަޤްޞަދަކީ ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް ޒަމާނީ ހައްލުތައް ބޭނުންކޮށްގެން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމެވެ.

"މި ގުޅުމުގެ މަޤްސަދަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ރާއްޖެއަށް ކުރިއެރުވުމަށް ޓަކައި އެޑްވާންސް ސޮލިއުޝަންތައް ބޭނުންކުރުން،" ސްޓެލްކޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި މި އެއްބަސްވުމް އިއުލާުކުރައްވަމުން ވިދާޅުވިއެވެ.

ޑިރެކްޓަރ ފަހުމީ އިތުރަށް ވިދާޅުވީ، މި އެއްވަސްވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރުގައި 33 އިންސައްތަ އިއާދަކުރަނިވި ހަކަތަ ހޯއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދުމަށް މަގުފަހިވެގެންދާނެކަމަށެވެ.

އިލެކްޓްރޯންވައިބަކީ ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުވެރިކޮށް އިއާދަކުރަނިވި ހަކަތައިގެ ހައްލުތައް ކުރިއެރުވުމަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު އިލެކްޓްރޯންވައިބްގެ އަމާޒަކީ ސްޓާޓްއަޕްތަކާއި އިންޑަސްޓްރީގެ އިސްވެރިންނާ ގުޅިގެން ދެމެހެއްޓެނިވި ހަކަތައިގެ އާދަތައް ބަލައިގަތުން އަވަސްކުރުމެވެ. މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަކަތައިގެ އެފިޝަންސީ އިތުރުކުރުމަށާއި ކާބަން އެމިޝަން މަދުކުރުމަށް ޒަމާނީ ޓެކްނޮލޮޖީތައް އިންޓަގްރޭޓް ކުރުމަށެވެ.