ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު އެމެރިކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގައެވެ.

މިނިސްޓަރ ޒަމީރާއި ސެކްރެޓަރީ ބްލިންކެންއާ ދެމެދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާކުރުމާއި، އިގްތިސާދީ ކުރިއެރުމަށް އަޒުމް ކަނޑައެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުން ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ އިތުރު މަގުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ، މިގޮތުން، ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ ހަމަޖެހުމާއި، ކަނޑުގެ ސަލާމަތާއި، ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދެޤައުމުން މަސައްކަތްކުރައްވާނެކަމަށް އެއްބަސްވެފައިވެއެވެ.

މި ބައްދަލުވުމުގައި ސެކްރެޓަރީ ބްލިންކަން ވަނީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަން ބްލިންކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދަވާ ތަޢުލީމީ ފުރުޞަތުތަކުގެ މުހިންމުކަން ވަޒީރު ޒަމީރު ފާހަގަކޮށްފައިވެއެވެ. މިގޮތުން، އެމެރިކާއަށް ކިޔަވަންދާ ދަރިވަރުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ވަޒީރު އެދިވަޑައިގަތެވެ. އޭގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ސަގާފީ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުޙައްމަދާއި ސެކްރެޓަރީ އޮފް ބައިލެޓަރަލް ޑރ ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބާއި ކައުންސެލަރ ޒީނާ ދީދީ އަދި ސެކަންޑް ސެކްރެޓަރީ އިބްރާހިމް ހައިލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ އިތުރުން އެމެރިކާގެ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގައި ވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާ ވޮޝިންޓަން، ނިއުޔޯކު އަދި ނިއުޖާޒީގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެކަމަށް ޙާރިޖީ ވުޒާރާއިން ބުނެއެވެ. ނިއުޔޯކުގައި އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒްއާ ވަޒީރު ބައްދަލުކުރައްވަންވެސް ވަނީ ހަމަޖެހިފައެވެ.