އަލްޖަޒީރާއިން ދާދި ފަހުން ކުރި ތަހުގީގެއްގައި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިންޑިއާއިން އިސްރާއީލަށް ރޮކެޓާއި ބޮން އެތެރެ ކުރަމުން އަންނަކަން ހާމަވާ ލިޔުންތައް ވަނީ ފެންމަތިވެފައެވެ.
އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އިންޑިއާގެ ޗެންނާއީއިން ފުރައިގެން ދިޔަ މުދާ އުފުލާ ބޯޓު ބޯކުމް އިން އިސްރާއީލުގެ އަޝްދޯދު ބަނދަރަށް 20 ޓަނުގެ ރޮކެޓް އިންޖީނާއި، އެކްސްޕްލޯސިވް ޗާޖުހިމެނޭ 12.5 ޓަނުގެ ރޮކެޓާއި، އަސްކަރީ ފެންވަރުގެ އެހެނިހެން އެކްސްޕްލޯސިވްސް ގެންގުޅުނުކަން ވަނީ އެނގިފައެވެ.
ބޯކުމްގެ މި ދަތުރުގެ ސަމާލުކަން ލިބުނީ ސްޕެއިންގެ ކާޓަޖެނާގައި ކުރިއަށް ގެންދިޔަ ސްޓޮޕޯވާ ކެންސަލް ކުރުމުނެވެ. އެ އުޅަނދު ސްޓޮޕޯވާ ކެންސަލްކުރީ ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރުންތަކަކާއި މުޒާހަރާގެ ބައިވެރިން އިންސްޕެކްޝަނެއް ހެދުމަށް ގޮވާލުމުންނެވެ. ސްޕެއިންގެ ސުމަރް ޕާޓީގެ އިނިގޯ އެރެހޮން ވިދާޅުވީ ބޯކުމްގެ މި ނިންމުމުގެ ސަބަބުން އިސްރާއީލަށް ހަތިޔާރު ގެނައުމުގެ ޝައްކު ސާބިތުވާ ކަމަށެވެ. އޭގެ ފަހުން އެ ބޯޓު ވަނީ ސްލޮވޭނިއާގެ ބަނދަރު ކަމަށްވާ ކޯޕާގައި ބަނދަރުކޮށްފައެވެ.
އިސްރާއީލުގެ މިސައިލް ސިސްޓަމްތަކަށް ބޭނުންވާ މުހިންމު ބައިތައް އިންޑިއާއިން ސަޕްލައި ކުރަމުން އަންނަ އިރު، އިންޑިއާ އާއި އިސްރާއީލާ ދެމެދު އަސްކަރީ އެއްބާރުލުން އިތުރުވަމުންދާކަން މި ހާދިސާއިން ހާމަވެގެން ދެއެވެ.
މީގެ އިތުރުން، އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޕްރިމިއާ އެކްސްޕްލޯސިވްސް ލިމިޓެޑުން ވަނީ ޣައްޒާގެ ހަމަނުޖެހުންތަކުގައި އިސްރާއީލަށް އެކްސްޕޯޓްކުރިކަން ކަށަވަރުކޮށްދީފައެވެ. އެތެރެކުރި ތަކެތި ތެރޭގައި ބަރަކް މިސައިލްގެ ޕްރޮޕެލެންޓްސް ވެސް ހިމެނެކަމަށް އެ ކުންފުނިން ބުނެފަވެއެވެ.
އަސްކަރީ ފިޔަވަޅުތަކުގެ ބަދަލުގައި މަޝްވަރާއަށް ތާރީޚީ ގޮތުން ތާއީދުކުރާ އިންޑިއާގެ ޑިޕްލޮމެޓިކް ސްޓޭންޑް އިތުރަށް ގޯސްވެފައި މިވަނީ ޣައްޒާގައި އިސްރާއީލުގެ މިސައިލެއްގެ ހަލާކުވެފައި ހުރި ބައިތަކުގައި "މޭޑް އިން އިންޑިއާ" ލޭބަލް ޖަހާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމު ވުމުންނެވެ. މީގެ އިތުރުން ހައިދަރުއާބާދުގައި ހުންނަ އަދާނީ އެލްބިޓް އަންމޭންޑް އޭރިއަލް ވެހިކަލްސް ކޮމްޕްލެކްސް އިން އިސްރާއީލަށް ޔޫއޭވީ އުފައްދާއިރު އޭގެ ތެރޭގައި ހަނގުރާމައިގެ ހާލަތްތަކުގައި ބޭނުންކުރުމަށް މަޝްހޫރު ހަރމީސް 900 ހިމެނެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން މިކަންކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، މި ހަތިޔާރުތައް އެތެރެކުމުގެ ސަބަބުން ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ސުލްހަ ގާއިމުކުރުމަށް އިންޑިއާއިން ކަނޑައަޅާފައިވާ ސިޔާސަތަށް ބުރޫއަރާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިކަން ފެންމަތިވެފައި މިވަނީ އިޒްރޭލާއި މެދުއިރުމަތީގެ ގައުމުތަކާ އެކު އޮންނަ ގުޅުން އިންޑިއާއިން ބަދަހިކުރަން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ،