ޔޫރޯގެ ރައުންޑް އޮފް 16 ގައި ރޭ ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށް, އިނގިރޭސި ވިލާތުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ވެލްޓިންސް އެރީނާގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިނގިރޭސި ވިލާތުންނެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ސްލޮވޭކިއާއެވެ. މި ލަނޑަކީ, މެޗުގެ 25 ވަނަ މިނެޓުގައި އިވަން ޝަރާންޒް ކާމިޔާބު ކުރި ލަނޑެކެވެ. ކައުންޓާ އެޓޭކެއްގައި އިނގިރޭސި ވިލާތުގެ ޑިފެންސް ލައިން ފޫ އަޅުވާލައި ޝްރާންޒް ކާމިޔާބު ކުރި މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ސްލޮވޭކިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އިނގިރޭސި ވިލާތް ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކޮށްފައެވެ. އެ ގޮތުން އިނގިރޭސި ވިލާތުގެ މިޑްފީލްޑަރު ޑެކްލަން ރައިސް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަރާފައެވެ.
އިނގިރޭސި ވިލާތަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައެވެ. މި ލަނޑަކީ, އެ ޓީމުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކާމިޔާބު ކުރި ލަނޑެކެވެ. އޯވާހެޑަކުން ބެލިންހަމް ކާމިޔާބު ކުރި މި ގޯލާއެކު މެޗު ވަނީ އިތުރު ވަގުތަށް ގޮސްފައެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުގައި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އިތުރު ވަގުތުގެ ދެ ހާފު ނިމިގެން ދިޔައިރު ވެސް ކޭންގެ ގޯލަށް ސްލޮވާކިއާއަށް ރައްދެއް ނުދެވުމުން އެ ޓީމަށް ވަނީ ބަލި ގަބޫލުކޮށް, މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
މި ލިބުނު މޮޅާއެކު އިނގިރޭސި ވިލާތް ކުއާޓާ ފައިނަލުގައި ނިކުންނާނީ ސުވިޒަލޭންޑާ ދެކޮޅަށެވެ. އިނގިރޭސި ވިލާތާއި ސުވިޒަލޭންޑް ވާދަކުރާ ކުއާޓާ ފައިނަލު އޮންނާނީ 6 ޖުލައި ވާ ހޮނިހިރު ދުވަހުއެވެ.