އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ގްރޫޕު "ޑީ" ގައި މިއަދު ކުޅުނު މެޗުގައި ބްރެޒިލް އަތުން 1-1 އިން އެއްވަރުކޮށް, ކޮލަމްބިއާއިން ގްރޫޕުގެ އެއްވަނަ ހާސިލުކޮށްފިއެވެ.
ލީވައިސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ރަނގަޅު ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ބްރެޒިލްއެވެ. މި ލަނޑަކީ, މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ކަނަށް ވައްދާލައިގެން, ބާސެލޯނާއަށް ކުޅެމުން އަންނަ ރަފީނިއާ ކާމިޔާބު ކުރި ލަނޑެކެވެ.
ބްރެޒިލްއިން ލަނޑު ޖެހުމާއެކު ކޮލަމްބިއާ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށް, ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެ ގޮތުން މެޗުގެ 35 ވަނަ މިނެޓުގައި ކޮލަމްބިއާ ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ލަނޑު ޖެހި ވަގުތު ކޮލަމްބިއާގެ ކުޅުންތެރިޔާ ހުރީ އޮފްސައިޑުގައި ކަމަށް ވާތީ ރެފްރީ ވަނީ އެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.
ކޮލަމްބިއާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑަކީ, ކޮލަމްބިއާގެ ޔޯން ކޯޑޯބާ ޖައްސާލި ރީތި ޕާހަކުން ޑެނިއަލް މުންޔޯޒް ކާމިޔާބު ކުރި ލަނޑެކެވެ. މުންޔޯޒްގެ މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ދެ ޓީމަށް ވަނީ ނަތީޖާ އަނބުރާލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެ ގޮތުން މެޗުގެ 84 ވަނަ މިނެޓުގައި އަރިމަތިން ނަގައިދިން ބޯޅައަކުން ކޮލަމްބިއާގެ ބޮރޭއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ބޮރޭ ފޮނުވާލި ބޯޅަ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.
މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ބްރެޒިލްގެ އަންޑްރޭސް ޕެރޭރާ ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް ނުރައްކާތެރި ބޯޅައެއް ފޮނުވާލާފައެވެ. ނަމަވެސް ކޮލަމްބިއާގެ ގޯލްކީޕަރު ކަމީލޯ ވާގަސް ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާ މަތަކޮށްފައެވެ.
މެޗުގެ ވަގުތު ހަމަވި އިރު ވެސް ދެ ޓީމަށް ނަތީޖާ ބަދަލު ނުކޮށްލެވުމުން މެޗު ވަނީ 1-1 އިން ނިމިފައެވެ. އެއާއެކު ކުޅުނު ތިން މެޗުން ހޯދި 7 ޕޮއިންޓާއެކު ގްރޫޕު "ޑީ" ގެ އެއްވަނަ ކޮލަމްބިއާ ވަނީ ހާސިލުކޮށްފައެވެ. 5 ޕޮއިންޓާއެކު ދެވަނަ ހާސިލުކޮށްފައިވަނީ ބްރެޒިލްއެވެ. މި ދެ ޓީމު މުބާރާތުގެ ކުއާޓާއަށް ދަތުރު ކުރި އިރު, ތިންވަނައަށް ދިޔަ ކޮސްޓާރީކާ އަދި ހަތަރުވަނައަށް ދިޔަ ޕެރެގުއާއީ ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާ ވާދަކުރަން ޖެހެނީ ޕެނެމާއާއެވެ. ކުއާޓާ ފައިނަލުގައި ބްރެޒިލް ބައްދަލު ކުރާނީ, މި ކޮޕާ އެމެރިކާގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ އުރުގާއީއާއެވެ.