އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބެއް ކަމުގައިވާ ފުލަމްއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖައޯ ޕަލީނިއާ ގަތުމަށް ބަޔާން މިއުނިކުން އެއްބަސްވެއްޖެއެވެ.

ޕަލީނިއާ ގަތުމަށް ބަޔާނުން ފުލަމްއާ އެއްބަސްވީ 60 މިލިއަން ޑޮލަރުގެ އަގަކަށެވެ. އެއާއެކު, ޕަލީނިއާގެ މި ޓްރާންސްފާއަކީ ފުލަމްގެ ތާރީހުގައި ކުޅުންތެރިޔެއް ވިއްކާލައިގެން އެންމެ ބޮޑު ފައިސާގެ އަދަދެއް ލިބިގެންދާނެ ޓްރާންސްފާއެވެ.

ބަޔާނުން ވަނީ މީގެ އަހަރެއް ކުރިން ޕަލީނިއާ ގަތުމަށް ފުލަމްއާ މަޝްވަރާ ކޮށްފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބަޔާނުން ޕަލީނިއާގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްފައިވީ ކަމުގައިވިއަސް, އެ ދެ ފަހަރު ވެސް ފުލަމްއަށް ޕަލީނިއާގެ ބަދަލަށް ކުޅުންތެރިޔެއް ނުހޯދުމުން, ދެ ކްލަބުގެ މެދުގައި ހިންގި މަޝްވަރާތައް ވަނީ މަޑު ޖައްސާލަން ޖެހިފައެވެ.

ޕަލީނިއާ ފުލަމްއާ ގުޅުނީ 2022 ވަނަ އަހަރުއެވެ. 25 މިލިއަން ޑޮލަރުގެ އަގަކަށް ސްޕޯޓިންއިން ފުލަމްއާ ގުޅުނު ޕަލީނިއާ ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ފުލަމްގައި މޮޅު ކުޅުމެއް ދައްކާ, ފުލަމްގެ "ޕްލޭޔާ އޮފް ދަ ސީޒަން" ހާސިލުކޮށްފައެވެ.

ޕަލީނިއާ މި ވަގުތު ހުރީ ޕޯޗުގަލްގެ ސްކޮޑާއެކު ޔޫރޯގެ ކުއާޓާ ފައިނަލަށް ތައްޔާރުވުމަށް ޓަކައި ޖަރުމަނު ވިލާތުގައެވެ. ޔޫރޯ ނިމުނުން ޕަލީނިއާގެ ޓްރާންސްފާ ޔަގީންކޮށް, ސޮއިކުރަން ޖެހޭ ކޮންޓްރެކްޓުތައް ފައިނަލު ކުރެވޭނެ ކަމަށް ބަޔާނުން އުއްމީދު ކުރެއެވެ.